Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަކިކުރި ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވެސް މިއަދު ވަކިކޮށްފި އެވެ.

އޭނަ އެ ކޮމިޓީން ވަކިކުރި އިރު، ކޮމިޓީގެ މުގައްރަރިކީ ވެސް ޝުޖާއު އެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އެސްއޯއީ ކޮމިޓީން ވަކިކުރިކަން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިއުލާން ކުރައްވައި ވިދާޅުވީ، ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ހަމަޖައްސާފައިވާ ކަމަށެވެ.

އެސްއޯއީ ކޮމިޓީން ޝުޖާއު ވަކިކުރި އިރު، އިއްޔެ އޭނަ މާލިއްޔަތު ކޮމިޓީން ވަކިކޮށް ތަރިކައާ ބެހޭ ކޮމިޓީ އަށް ބަދަލުކޮށްފައިވެ އެވެ.

ޝުޖާއު މެދު މިފަދަ ފިޔަވަޅުތަކެއް އަޅާފައި މި ވަނީ އޭނައާ ގުޅޭގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެ އެކަން ބަލަން ފަށާފައި ވަނިކޮށެވެ.