ދިވެހީން އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށްޓަކައި އަގުތައް ދެނެގަނެވޭނެ ގޮތަށް އާ "ޕްރައިސް އިންޑެކްސްއެއް' ތައާރަފުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއް ޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައު އޭނަ ވިދާޅުވީ ދިވެހީން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށް، އެ ބާވަތްތަކުގެ އަގުތަކުގެ އާ ޕްރައިސް އިންޑެކްސްއެއް ތައާރަފު ކުރަނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއާ ގުޅިގެން ކަމަށެވެ.
އަދި އެ އިންޑެކްސް ކުރިއަށް ދެ ދުުވަހެއްގެ ތެރޭފައި އާންމުކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރީ. އޭގައި ސަތޭކަ ފަސްދޮޅަށް ދެ އައިޓަމް ހިމަނައިގެން،" މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ ސަތޭކަ އެގާރަ އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ ތިރީސް ނުވަ ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ ދިހަ އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް ހިމެނޭނެ."
އޭނަ ވިދާޅުވީ އަލަށް ތައާރަފުކުރާ ޕްރައިސް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް ވެސް އެޅޭނެ ކަމަށެވެ. އަދި މީގެތެރެއިން 35 ބާވަތަކީ އޭގައި އިތުރު ސަބްސިޓިއުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ ބާވަތްތަކުގެ ގޮތުގައި ދެނެގަނެ، އެފަދަ ބާވަތްތައް 'ކްރިޓިކަލް އައިޓަމްތަކު' ގެ ގޮތުގައި ފާހަގަކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.