Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިފްކޯ އިން ފުރުސަތު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށްޓަކައި ސޯޝަލް މިނިސްޓްރީން މިފްކޯއާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަންކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތް ކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރެވިގެންދާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުގެ ސަބަބުން އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތުން އެފަދަ ފުދުންތެރިކަން އިތުރުކުރޭނެ ކަމަށެވެ. އަދި މިއީ އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.