Last Updated: August 7, 10:52
Thursday, August 7, 2025
މުނިފޫހިފިލުވުން

'ކަނބުލޮ' ގެ ޓިކެޓް ވިއްކަން ފަށައިފި

މި މަހުގެ އެންމެ ފަހު ދުވަހު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ނިންމާފައިވާ ފިލްމު "ކަނބުލޮ" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމަކީ މިދިޔަ އަހަރުގެ "ކަމަނާ" އަށް ފަހު، މި ޓީމު ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

"ކަނބުލޮ" ހަދާފައި ވަނީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށެވެ. މީގެ ސްކްރީންްޕްލޭ ލިޔުނީ "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.

އެއްތިރީސް ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ނިންމާފައިވާ "ކަނބުލޮ" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފެށި އިރު، މި އަތޮޅުތަކުގައި އަޅުވަން ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ރަށްތަކުން ވައިބާ ކުރަން ޖެހެނީ މި ނަމްބަރު 7779621 އަށެވެ.

"ކަނބުލޮ" އަކީ މި އަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމެވެ.

މާދަމާ ރޭ އައި ފިލްމްސްގެ "ލޯބިން" އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ސިނަމާގައި އެންމެ ފަހުން ދެއްކީ ފާތުމަތު ނަހުލާގެ "ސޮރީ" އެވެ. ޖޫން 17 ގައި ޕްރީމިއާކުރި ފިލްމުގެ ޝޯތައް ނިންމައިލި މިދިޔަ މަހުގެ 31 ގަ އެވެ.