Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

ސ. އަތޮޅު މަދުރަސާ އަށް ޕްރިންސިޕަލަކު ހޯދަނީ

އައްޑޫ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާ އަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައި ވަނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ. އެޕްލައި ކުރުމުގެ ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ.

އެއް ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ ޝަރުތުތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން ހިމެނެ އެވެ. އަދި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައި ދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމު ދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާ އަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

ރޭންކް 1 ގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރަ އަކީ މަހަކު 16،647ރ. އެވެ. އަދި އެލަވަންސަށް މަހަކު 9،534 ރުފިޔާ އާއި ހާޒިރީ އެލަވަންސަކީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 258ރ. ލިބޭނެ އެވެ.

ސ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލަކަށް އެންމެ ފަހުން ހުންނެވީ އެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ އާމިނަތު ޒީނިޔާ އެވެ. އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ހުސްވީ އޭނަ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ސްޕްރިންޓެންޑެންޓަކަށް އައްޔަން ކުރުމުން މާލެ ބަދަލުވުމާ ގުޅިގެންނެވެ.