ކާތިކް އާރިއަނާއި އަކްޝޭ ކަންނާގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައި ދޭނެ އެކްޝަން ފިލްމެއް ދެ ތަރިންނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަދި ނަން ސާފު ނުވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީީރީޒަށް ތަމަޅަ ޑައިރެކްޓަރު ރާޖްކުމާރު ޕެރިއަސަމީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބައޮގްރަފިކަލް އެކްޝަން ހަނގުރާމަ ފިލްމު 'އަމަރަން' ގެނެސްދިން ޑައިރެކްޓަރެވެ.
އެ ފިލްމަކީ ރާޖްކުމާރުގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަގެ އަލަތު ފިލްމަކީ 2017 ގެ އެކްޝަން ކްރައިމް ފިލްމު "ރަންގޫން" އެވެ.
މީޑިއާތަކުން ބުނީ ޓީ ސީރީޒަށް ރާޖްކުމާރު ހަދަން ނިންމާފައިވާ ފިލްމު، ކާތިކާއި އަކްޝޭ އަށް ހުށަހަޅައި، ދެ ތަރިންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ކަމެއް ފައިލްވުމުން ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ކުރިން ވެސް ޓީ ސީރީޒްގެ ފިލްމުތަކެއް ކުޅެފައިވާ ކާތިކްގެ އަތުގައި މިހާރު ވެސް އެ ސްޓޫޑިއޯގެ އިތުރު ފިލްމެއް އެބައޮތެވެ. އެއީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭން ޕްލޭންކޮށްފައި އޮތް އަސަރު ގަދަ ލޯބީގެ މިއުޒިކަލް އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި "ނާގްޒިއްލާ" ހިމެނެ އެވެ.
އަކްޝޭ އަކީ މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ މެޑޮކް ފިލްމްސްގެ "ޗާވާ" ގެ ވިލަން އެވެ. ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާގެ ދަރިފުޅު އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ ޑިސެންބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ރަންވީރު ސިންގުގެ "ދުރަންދާރް" އެވެ.