ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހަކީ އައިފޯނަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ މަހެކެވެ. ސަބަބަކީ އެ މަހުގައި އެެޕަލް އިން އައިފޯންގެ އާ މޮޑެލްތް ދައްކައިލުމެވެ. ކުރިއަށް އޮތީ އައިފޯން 17 އެވެ.
އެހެންވެ މި އަހަރުގެ ސެޕްޓެމްބަރު ވެސް ބޯމަތިވެފައިވާ އިރު އެޕަލްގެ އިވެންޓަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގަ އެވެ.
އެޕަލްގެ އުފެއްދުންތަކާއި ކުންފުނީގެ އާ ޚަބަރުތައް ތިލަކޮށްދޭ އެނަލިސްޓުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އައިފޯނު 17 ދައްކައިލާ އިވެންޓް އަންނަ މަހުގެ 9 ގައި ބޭއްވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ބައެއް މީޑިއާތަކުން އެއަށް ވުރެ ކުރިން ވެސް އިވެންޓް ބާއްވައިފާނެ ކަމަށެވެ. އެ ތާރީހަކީ އަންނަ މަހުގެ 3 އެވެ.
އައިފޯނަކީ އޭގެ ކޮންމެ މޮޑެލްތަކަކާ އެކީ ވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަފާތު ގިނަ ބަދަލުތަކެއް ވެސް އައިފޯނުގެ އަހުލުވެރިންނަށް ގެނެސްދޭ ޑިވައިސްއެކެވެ. އެހެންވެ އައިފޯން 17 އަކީ ވެސް ވަރަށް މުހިއްމު އަދި ޒަމާނީ އާ ގިނަ ފީޗާތަކެއް އެކުލެވޭނެ އެއްޗަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ. އަދި ޑިޒައިނުން ވެސް ބޮޑެތި ތަފާތުތަކެއް ފެނުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އައިފޯން 17 ގެ ހަތަރު ވަރަކަށް މޮޑެލް ނެރޭނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ތެރެއިން އެންމެ ހާއްސަ މޮޑެލްއަކަށް ވާނީ މުޅިން އަލަށް 'އެއާ' ގެ ނަމުގައި ނެރޭ މޮޑެލް އެވެ. އައިފޯން 17 ގައި ހިމެނޭނެ ކަމަށް ބެލެވެނީ އައިފޯން 17، އައިފޯން 17 އެއާ، އައިފޯން 17 ޕްރޯގެ އިތުރުން އައިފޯން 17 ޕްރޯ މެކްސް އެވެ.