ކައުންސިލްތަކަށް ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގައި އަދި މުވައްޒަފުން ނަގަން އުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންދަން މޯލްޑިވްސް ކައުންސިލް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބ ބަޔާނެއްގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ކައުންސިލްތަކުގެ މާލީ ހާލަތު އޮތްގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ މަސައްކަތްތައް 10 މިލިއަނަށް ވުރެ ބޮޑުވުމަކީ ނާދިރު ކަމެއްކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން ދެކޭ ގޮތުގައި އެ ބިލު ފާސްކޮށްފި ނަމަ .ކައުންސިލްތަކުގެ ކުންފުނިތަކުން ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގައި ރައްޔިތުންގެ ރައުސުލްމާލު އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓި،ސަރުކާރުން ރައްޔިތުންގެ ބިންތައް ބޭނުން ކުރުމުގައި ކުލި ނުނެގޭ ގޮތަށް އޮތުމުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރަސް އެޅި، ރައްޔިތުންގެ ބިންތައް އެ ސަރަހައްދެއްގެ ރަށްވެހިންގެ ބައިވެރިވުމާ ނުލައި ސަރުކާރުން ބޭނުން ފަރާތްތަކަށް ދިނުމަށް މަގުފަހިވާނެ އެވެ. މީގެ އިތުރުން 365 ދުވަސް ކުރިން ކައުންސިލަށް މުވައްޒަފުން ނެގުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުން ހުއްޓޭ ގޮތަށް އޮތުމުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒު ކުރުމަށް ވެސް ހުރަސް އެޅޭނެ އެވެ.
މިފަދަ ސަބަބުތަކާ ހެދި ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނީ އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ކެމްޕެއިން ކުރުން ހުއްޓުވުމުގެ ގޮތުން ބައެއް ގައުމުތަކުގެ އިންތިހާބާ ގާތްކޮށް ނުފޫޒު ފޯރުވުންވުން ހުއްޓުވުމަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރުމުގައި ހިފެހެއްޓުންތަކެއް ގެންނަ ކަމަށެވެ.
ނަމަވެސް އެފަދަ ހިފެހެއްޓުންތައް ރާއްޖޭގެ ނިޒާމަށް ގެންނަން މަސައްކަތް ކުރަނީ ދިގު މުއްދަތަކަށް، ހަމަ އެކެނި ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާ ގޮތަށްކަން ޖަމިއްޔާ އިން ބުންޏެވެ.
އަދި މައި ސަރުކާރަށް އެއްވެސް ހިފެހެއްޓުމެއް ނެތުމުގެ ނަތީޖާއަކަށްވާނީ ސަރުކާރުން ފައިސާއާ ނުފޫޒު ބޭނުންކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބު އަނބުރާލުމަށް ފުރުސަތު ލިބުން ކަމަށް ވެސް ލޯކަލް ކައުންސިލް ޖަމިއްޔާއިން ބުންޏެވެ.