Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

ޢަނީ އުއްތަމަފަނޑިޔާރަކަށް އައްޔަން ކުރަން ފާސްކޮށްފި

އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޣަނީ ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އިއްޔެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހުފެ 21 ގައި ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުޞަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.

ޢަނީ އެންމެ ފަހުން ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގަ އެވެ.