Last Updated: August 7, 10:52
Thursday, August 7, 2025
މުނިފޫހިފިލުވުން

ފަރުހާންގެ ހަނގުރާމަ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރުހާން އަޚްތަރު ކުޅުނު އާ ފިލްމު "120 ބަހާދޫރް" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ކަންގަނާ ރަނާވަތުގެ 2022 ގެ "ދާޅަކް" ގެނެސްދިން ރަޒްނީޝް 'ރާޒީ' ގާއީ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "120 ބަހާދޫރު" އަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓާއި ޓްރިގާ ހެޕީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެވެ.

މީގެ ކާސްޓްގައި ރާޝީ ކަންނާ އާއި ވިވިއަން ބަޓޭނާ އަދި އަންކިތު ސިވަޗް ވެސް ހިމެނެ އެވެ.

މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޙްތަރުގެ ދަރިފުޅު އަދި މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ކޮއްކޮ ފަރުހާން ކުޅެފައިވާ ފިލްމެއް ދުވަސްތަކެއް ފަހުން ބެލުންތެރިންނާ ހަމައަށް އަންނަ އިރު އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ އެކްޓިން ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށްވާ 2013 ގެ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝްގެ 2021 ގެ "ތޫފާން" އެވެ.

"ދިލް ޗާތާ ހޭ" އާއި "ޑޮން" ގެ ދެ ފިލްމުގެ ޑައިރެކްޓަރު ފަރުހާންގެ ކުރިއަށް އޮތް ޑައިރެކްޝަަނަކީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޑޮން 3" އެވެ.