ހުޅުމާލެ ފޭސް ތިނެއް ހިއްކުން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ހުޅުމާލެ ފޭސް 3 ގެ ޔޫނިއަނުން ބުނެފި އެވެ.
އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މި ސަރުކާރު އައުމާ އެއްކޮށް ފެނުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން ހުއްޓާލި މަންޒަރު ކަމަށާއި މިއަދާ ހަމައަށް އެތަން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސް ކުރަންޖެހޭ ކަމަށާއި އެއް އަހަރު ދުވަހުގެ ތެރޭގައި ހިއްކާ ނިންމައި ގޯތި ހަވާލުކުރާނަމޭ ބުނި މުއްދަތު ވެސް މިހާރު ފާއިތުވެގެން ގޮސްފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"އެހެންވީމައި އެކަން ބާއްވާފައި ފުށިދިއްގަރު ފަޅުގެ މަސައްކަތުގައި އުޅުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އަލީ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީ ސަރުކާރުން ދީފައި ހިއްކާފައި ނެތް ސަރަހައްދުތަކުން ގޯތި ދީފައި ހުރުމުން އެ ތަންތަން އަހަރެއް ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ކަމަށް އަލީ ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް ގޯތި ދޫނުކުރާ ފުށިދިއްގަރުފަޅު ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދަން އުޅޭ ކަމަށްވެސް ވިދާޅުވި އެވެ.
ފޭސް ތިނެއްގެ މަސައްކަތްތައް އެޗްޑީސީން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެން ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.