މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ﷲ ދެއްވާ ނިޢުމަތްތަކަށް މީހުން ކާފަރުވާ މިންވަރެވެ. އެކަމުގައި ޙައްދު ފަހަނަޅާފައިވާ މިންވަރެވެ. ޙަޤީޤަތުގައި ވެސް ނިޢުމަތުގެ އަގު ވަޒަން ކުރެވޭނީ އެ ނިޢުމަތެއް ގެއްލި ދިޔުމުންނެވެ.
ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރު ކުރުން ޙައްޤު ގޮތުގައި، ޝުކުރު ކުރާނަމަ އެ ނިޢުމަތްތައް އިތުރު ކޮށްދެއްވުމަށް އެ އިލާހު ވަނީ ވަޢުދުވެ ވޮޑިގެންފަ އެވެ. އަދި ހަމަ އެގޮތަށް އެ އިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރި ނުވެ ކުފުރުވެރިވާ ނަމަ، އެ އިލާހުގެ ކޯފާ އަކީ ގަދަފަދަ އެއްޗެއްކަން ވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރެއްވި އެވެ.
ކޮންމެއަކަސް ނިޢުމަތުގެ ޙަޤީޤީ އަގު ވަޒަން ކުރެވޭނީ އެ ނިޢުމަތް ގެއްލުމުންނެވެ. ލޮލުގެ ނިޢުމަތުގެ ވާހަކަ އަޅުގަނޑުމެން ދައްކަމެވެ. ނަމަވެސް އެއިގެ ޙަޤީޤީ އަގު ވަޒަނެއް ނުކުރެވެ އެވެ. ސަބަބަކީ އަޅުގަނޑުމެންގެ ލޮލުގެ ފެނުން ﷲ ސަލާމަތުން ލަހައްޓަވާފައިވާތީއެވެ. (ﷲ ތިބާއާއި އަޅުގަނޑުގެ ލޮލުގެ ފެނުމުގެ ބާރު ރައްކާކުރައްވާށި އެވެ!)
ލޮލުގެ ފެނުމުގެ ނިޢުމަތުގެ ޙަޤީޤީ އަގު ވަޒަން ކުރެވޭނީ އައްނަބީލާ އާމިނަތު ޙުސައިންގެ “ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން” މި ޅެމުގައިވާ ލޯފަންކުއްޖާ ފަދަ މީހުންނަށެވެ.
ތިޔަ ބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ
ނިޔަނެތިވި މަންމާ ނިކަން އަދު ސިފަ މަށަށް ކޮށްދޭނުހޭ
މިފަދަ މީހުންނަށް ޙަޤީޤަތުގައި ވެސް ލޮލުގެ އަގު ވަޒަން ކުރެވޭނެ އެވެ.
ހަމަ އެގޮތަށް ދަރިންނަކީ ވެސް ﷲ ދެއްވާފައިވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ވިސްނަވާލައްވާށެވެ! ދަރިން ނުދެއްވާ ކިތައް މީހުން ދުނިޔެ މަތީގައި އެބަތިބި ހެއްޔެވެ؟
އެބައިމީހުންގެ މުޅި ޙަޔާތް، ދަރިއަކު ލިބުމުގެ އުއްމީދުގައި ވީރާނާ ކުރަމުން ދަނީ ކިތައް ދެމަފިރިން ހެއްޔެވެ؟ ބޮޑެތި ލޯނުތައް ނަގައިގެން ދަރިއަކު ލިބޭތޯ ބޭސްފަރުވާ ކުރަމުން ދަނީ ކިތައް ދެމަފިރިންތޯ އެވެ؟ މުޅި ޒުވާން ޢުމުރު އެބައިމީހުން ހޭދަކޮށް މުސްކުޅި ކަމާއި ހަމައަށް އައިއިރު ވެސް ދަރިއެއް ލިބި އެދަރީގެ ދުލުން މަންމާއޭ ގޮވާ އަޑު އިވުމުން މަޙުރޫމްވެފައި ވަނީ ކިތައް އަންހެނުންތޯއެވެ؟ އެބައިމީހުންގެ އުނގުގައި ލޯބިން ވަޑުވާލައިގެން ގެންގުޅޭނެ ދަރިއެއްގެ ހުވަފެނުގައި މުޅި ޢުމުރު ދުއްވާލަނީ ކިތައް ފިރިންތޯ އެވެ؟
ނަމަވެސް…ﷲ ގެ ބެއްސެވުމެވެ. އެއިލާހުގެ ބެއްސެވުމާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. އެއިލާހު ދެއްވަނީ އެއީ އެ އިލާހުގެ އޯގާވަންތަކަމުންނެވެ. އެ އިލާހު ނުދެއްވާ މީހުންނަށް ނުދެއްވަނީ އެއީ ވެސް އެ އިލާހުގެ އޯގާވަންތަކަމުންނެވެ. ޙިކްމަތްވަންތަ ކަމުންނެވެ. ސަބަބަކީ އޭނާ އަށް ދަރިއަކު ލިބުމުން ލިބިދާނެ އެއަށްވުރެ ބޮޑު ގެއްލުމަކުން އޭނާ ސަލާމަތް ކުރެއްވުން ކަމުގައި ވެސް ވެދާނެއެވެ. ދުނިޔޭގެ ކަންކަމުގައި ﷲގެ ޙިކުމަތް އަޅުގަނޑުމެންނަކަށް ނޭނގޭނެ އެވެ. މިއީ ﷲ އަށް އަޅުވެތިވާ ކިޔަމަންތެރި އަޅުންގެ ވިސްނުމެވެ. މިއީ ދީނެއް މިއްލަތެއް ގޮތެއް ފޮތެއް ނެތް ޢަލްމާނީންގެ ފިކުރެއް ނޫނެވެ.
ދަރިން ނުދެއްވާ މީހެއްގެ އަރިހުން ދަރިންނަކީ ކިހާ މުހިއްމު ކިހާ ބޮޑު ނިޢުމަތެއްތޯ ސުވާލުކޮށްލާށެވެ! ފަހަރުގައި އޭނާ ތިބާ އަށް އެއީ ކިހާ ވަރެއްގެ ކަމެއްކަން ބަޔާންކޮށް ދީފާނެ އެވެ.
ދަރިންނަކީ ލޮލުގެ ފިނިކަމެވެ. ހިތުގެ އަރާމެވެ. މަންމާއޭ ބައްޕާއޭ ދަރިފުޅު ގޮވާލުމުން، އެ ލިބިގެންދާ އުފާ އެނގޭނީ ހަމަ އެ އަޑު އިވިފައިވާ މަންމައަކަށެވެ. ނުވަތަ ބައްޕައަކަށެވެ.
އެދަރި ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެދަރީގެ މައިންބަފައިން މަރުވުމަށް ފަހު ކަށްވަޅުގައިވާ އިރު ވެސް އޭނާގެ ޢަމަލުގެ ފަތަށް ހެޔޮކަންތައް އިތުރުވެގެން ދާނެ ކަމެކެވެ. މި ދުނިޔެ މައްޗަށް ދޫކޮށްފައިދާ ޞާލިޙު ދަރިން ކުރާ ދުޢާ އަކީ މީހާ މަރުވުމަށް ފަހު އޭނާއަށް ކަށްވަޅުގައި އެއިން މަންފާކުރާނެ ތިންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަމަވެސް…ހިތާމައިގެ ކޮޅެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަމިއްލަ އަށް ވިހޭދަރި އަމިއްލަ އަތުން މަރާ މައިންބަފައިންނެވެ. އަމިއްލަ ދަރި ބަލަން ބުރައަކަށްވެ އެދަރި ޖެންޑާ އާއި ޙަވާލުކުރުމަށްފަހު ދެއަތް އުރާލައިގެން އަމިއްލަ އުފަލާއިގެން އުޅޭ މައިންބަފައިންނެވެ. މިއީ މައިންބަފައިންތޯ އެވެ؟ ނުވަތަ ހިތެއް ނެތް، ލޯތްބެއް ނެތް، ކުލުނެއް ނެތް ރަޙުމެއް ނެތް…ތަކެއް ހެއްޔެވެ؟
މިފަދަ މީހުން އެންމެ ފަހަރަކު ވެސް ވިސްނާލާނެ ނަމައެވެ. އެ ނިކަމެތި މައުސޫމް ދަރި އޭނާގެ މަންމަ އާއި ބައްޕަގެ ލޯބިން މަޙުރޫމު ކުރުމުގެ ސަބަބުން، ﷲ ގެ ކޯފާ ތިމާމެންނަށް ޙައްޤުވެ، ތިމާމެންގެ ދަރިމައިވުމުގެ ނިޒާމް ހަލާކު ކުރައްވައި ނެތި ކުރެއްވުމަކީ އެއިލާހަށް ބޮޑުކަމެއް ކަމުގައި ނުވެ އެވެ.
މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަންވެއްޖެ ކަމެކެވެ. ޤައުމުގެ އިޖުތިމާޢީ ބަލީގެ ލިސްޓަށް އިތުރު ކޮށް، ކަޅު ކުލައިން ފަވާލަން ޖެހޭ އިތުރު ބައްޔެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މުޖްތަމަޢުގައިވާ މިފަދަ ހުރިހާ ބަލިތަކުން މުޖްތަމަޢު ސަލާމަތްކުރައްވާށި! އަދި އިސްލާމީ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ލަހައްޓަވާށިއެވެ. އާމީން.
މަސްދަރު: ނޫރުލްއިސްލާމް