ވަޒީފާގެ ބިރު ދައްކައިގެން ރައްޔިތުން ފަހަތަށް ޖެއްސޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ގޯހެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އެޗްޑީސީގެ ބައެއް އިސްވެރިން އެ މީހުންގެ ޒިންމާތަކުން އެކަހެރިކުރުމާ ގުޅިގެންނެވެ. ނަމަވެސް މި ފިޔަވަޅު އެޅި ސަބަބެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ 5 ދާއިމީ މުއައްޒަފަކު ސަސްޕެންޑް ކުރި ކުރުމުން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ކަމަށެވެ. އަދި މީގެ ކުރިންވެސް މި ސަރުކާރުން ހައުސިން މިނިސްޓްރީގެ ދާއިމީ މުއައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން މި ރައްޔިތުން ފަހަތަށް ޖެއްސޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއް،" ޝާހިދު ވިދާޅުވި އެވެ.
އެޗްޑީސީގެ އިސް ވެރިންތަކެއް ޒިންމާ އިން އެކަހެރިކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާ އަލީ ޒުހައިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށްފަހު އެވެ.