Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

މާލީ ބާރު ހަނިކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ކައުންސިލްތަކަށް ދީފައިވާ މާލީ ގިނަ ބާރުތަކެއް ނަގަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން އެވެ.

އެ ބިލު ދިރާސާކުރަން މިރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ޕީއެންސީގެ މެމްބަރުންގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.

މި އިސްލާހުތަކާ މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ކައުންސިލަރުންނަށް ގޮވާލާފަ އެވެ.