އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ގާޒާގެ ސިވިލް ޑިފެންސް މިނިސްޓްރީން ބުނީ އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް އިއްޔެ ދިން ހަމަލާތަކުގައި 83 މީހަކު މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 58 މީހުންނަކީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ހަމަލާތަކުގައި އަނިޔާވި އެތައް ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،020 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،671 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.