Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ލޯބިން' ގެ ޕްރީމިއާ މިރޭ

އޮލިމްޕަސް ސިނަމާ އަށް މި އަހަރު ގެންނަ ތިން ވަނަ ފިލްމު "ލޯބިން" މިރޭ ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ މަގުބޫލު ފިލްމުތަކެއް ކުރިން ވެސް ގެނެސްދީފައިވާ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ލޯބިން" އަކީ ބެލުންތެރިންނަށް އޭނަ ގެނެސްދޭ ފަސް ވަނަ ފީޗާ ފިލްމެވެ. އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

މިހާރު ދިވެހި ފިލްމު ބަލާ އޯޑިއަންސް އެންމެ ބޮޑަށް އިތުބާރުކުރާ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިއްލެގެ އަލަތު ފީޗާ ފިލްމަކީ 2019 ގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އެވެ. އޭގެ ފަހުން 2023 ގައި އޭނަ ދެ ފިލްމެއް ގެނެސްދިނެވެ. އެއީ ކްރައިމް ޑްރާމާ "ނީނާ" އާއި ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޯބިން" އަކީ ހަށިވިއްކުމުގެ ތެރޭގައި އުޅެން ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ މައިގަނޑު ތަރިންނަކީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.

އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ 'ލޯބިން' ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.

މި ފިލްމު މިރޭ ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ "ކަނބުލޮ" މި މަހުގެ 31 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ އެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ޖޫން 17 ގައި ޕްރީމިއާކޮށް، މިދިޔަ މަހުގެ 31 އާ ހަމައަށް ޝޯތައް ދެއްކި ފާތުމަތު ނަހުލާގެ "ސޮރީ" އެވެ.

މި އަހަރުގެ ފުރަަތަމަ ފިލްމަކީ އެޕްރީލް މަހުގެ ފަހުކޮޅު މޫމިން ފުއާދުގެ ގެނެސްދިން "އަބަދަށް" އެވެ.