Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

މަސައްކަތްތެރި ގައިދީންނަށް ދޭ އެލަވަންސް ބޮޑުކޮށްފި

ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް ބޮޑުކޮށްފި އެވެ.

ކަރެކްޝަން ސާވިސް އިން ބުނީ މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް ދެމުން އެލަވަންސްގެ ގޮތުގައި މިހާތަނަށް ދެމުން އައީ 30ރ. ކަމަށެވެ. ނަމަވެސް މިހާރު އެ އެލަވަންސް ވަނީ 50ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ބަދަލު ގެނައީ މިދިޔަ މަހުގެ 16 އިން ފެށިގެން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

މަސައްކަތްކުރާ ގައިދީންނަށް އެލަވަންސް ދެމުން އަންނަނީ ކުރާ މަސައްކަތްތައް އެކި ގްރޭޑްތަކަށް ކަނޑައަޅައިގެންނެވެ. އެގޮތުން މަސައްކަތުގެ އެންމެ ދަށް މިންގަނޑު ކަމަށްވާ ގްރޭޑް އެކަކަށް ލިބޭނީ 50ރ. އެވެ. ދެން ކޮންމެ ގްރޭޑަކަށް ބޮޑުވާނީ 10ރ. އެވެ. އަދި އެންމެ މަތީ ގްރޭޑަށް ލިބޭނީ ދުވާލަކަށް 120ރ. ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

ގައިދީންނަށް ޖަލުތަކުގައި އަންނަނީ ތަފާތު އެކި ކަހަލަ ހުނަރުތައް ދަސްކޮށްދީ މަސައްކަތްތައް އަހުލުވެރިކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ. އޭގެ ތެރޭގައި ވަޑަމާއި ދަނޑުވެރިކަމުގެ އިތުރުން ވެސް ތަފާތު ހުނަރުތަކުގެ މަސައްކަތްތައް ހިމެނެ އެވެ.

މީގެ ބޭނުމަކީ އެ މީހުން މުޖުތަމަ އަށް އެނބުރި ނުކުންނަ އިރު، ހަރުދަނާ ބަޔަކަށް ހަދައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ބަޔަކަށްވުމުގެ ރޫހު އުފެއްދުމެވެ.