Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

މުރްނާލްގެ ހިތް ދަނޫޝް އަށް!

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ދަނޫޝް އާއި މުރްނާލް ތާކޫރް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ވަރަށް ހޫނުކޮށް މީޑިއާތަކުގައ ދެކެވެން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން އިއްޔެ ރޭ ދެ ތަރިން އެކީގައި ފެންނަ ވީޑިއޯއެެއް ވެސް އާންމުކޮށްފައިވެ އެވެ. އެ ވީޑިއޯގައި ދަނޫޝް ފެންނަނީ މުރްނާލްގެ އަތުގައި ހިފަހައްޓާލައިގެން ހުންނަ ތަނެވެ. މި ދެ މީހުން ލޯބީގެ ގޮތުް ގުޅިގެން އުޅޭ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން އެ މީހުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މީޑިއާތަކުން ބުނީ މުރްނާލް އަށް ދަނޫޝްގެ އާއިލާގެ ރުހުން ވެސް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ދަނޫޝްގެ އާއިލާގެ ދެ މެންބަރުންތަކެއް ކަމަށްވާ ޑރ. ކާތިކާ ކާތިކް އާއި ވިމާލާ ގީތާ، އިންސްޓަގްރާމުން މުރްނާލް ފޮލޯކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދަނޫޝްއާ މުރްނާލް އަޅުވާ ކިޔުމުގެ އަޑުތައް ގަދަވެފައިވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ މިހާރު އުމުރުން 42 އަހަރުގެ އެކްޓަރަކީ ކުރިން ކައިވެންޏެއްކޮށް ދެ ފިރިހެން ދަރިން ވެސް ތިބި މީހެއް ކަމެވެ. ދަނޫޝްގެ ކުދިންގެ މަންމަ އަކީ މަޝްހޫރު ފިލްމީ ތަރި، ރަޖްނީކާންތުގެ ދަރިއެއް ކަމަށްވާ އައިޝްވާރިއާ ރަޖްނީކާންތެވެ. އެ ދެ މީހުން 2004 ގައި ކުރި ކައިވެނި 2022 ގައި ރޫޅައިލަން ނިންމުމަށް ފަހު، ރަސްމީކޮށް ކައިވެނީގެ ގޮށް މޮހައިލީ މިދިޔަ އަހަރު އެވެ.

ދަނޫޝް އަކީ އިންޑިއާގެ ތަމަޅަ އެކްޓަރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކެކެވެ. އަދި އޭނަ އަކީ ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ. "ރާންޖަނާ" އާއި "އަތުރަންގޫ ރޭ" އަދި "ޝަމީތާބް" ފަދަ ކުޅެފައިވާ އެކްޓަރުގެ ކުރިއަށް އޮތް ބޮލީވުޑްގެ ފިލްމަކީ "ތެރެ އިޝްގް މޭ" އެވެ.

ދަނޫޝް އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ލަވަކިޔުންތެރިއެއް ވެސް މެ އެވެ.

ދަނޫޝްގެ ގޮތަށް ބޮލީވުޑާއި އިންޑއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަޔްކުރާ މުރްނާލް، 33، އަކީ މިހާރު އެންމެ ޑިމާންޑް ބޮޑު ޒުވާން އެއް ބަތަލާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރު" އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް މިހާތަނަށް ކުޅެފައިވާ އަދި ބާރަށް ކުރިއަރަމުން އަންނަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ ތެލެގޫ ފިލްމު "ޑަކޮއިޓް: އަ ލަވް ސްޓޯރީ" އިންނެވެ.