އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސްގެ އޮފީހުގަ އެވެ. ރަސްމިއްޔާތުގައި ޣަނީ އަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
އުއްތަމަފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށް ފަހު ޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވައިފައެވެ.
ޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި މިދިޔަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަ ކުރައްވައިފަ އެވެ. އަދި ޑޮކްޓަރއޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
އުއްތަމަފަނޑިޔާރުގެ މަގާމާ ހަމައަށް ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގަ އެވެ. މީގެ އިތުރުން އައިޔޫއެމްގެ ސީނިއާ ލެކްޗަރާކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި ގެންދެވީ ކިޔަވައި ދެއްވަމުންނެވެ. ޣަނީ ޚިދުމަތުގެ ދިގު ތާރީޚުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާވިސް ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވި އެވެ.