"ޗޫމަންތަރު" ކިޔާ ސައިންސް ފިކްޝަން ރޮމޭންޓިކް ކޮމެޑީއަކަށް ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އަބޭ ވަރްމާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އަބޭގެ ހޮރޯ-ކޮމެޑީ "މުންޖިއާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ޕްރޮޑަކްޝަން ހައުސް، މެޑޮކް ފިލްމްސް އިން ހަދާ ފިލްމެއް ކަމަށެވެ.
"ޗޫމަންތަރު" ވާނީ އަނަންޔާ އެ ސްޓޫޑިއޯގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަަށެވެ. އަދި އަބޭއާ އެކު ވެސް ފިލްމެއް ކުޅޭ ފުރަތަމަ ފަހަރަށެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ޗޫމަންތަރު" ގެ ޑައިރެކްޓަރަކީ 2023 ގެ "ދަކް ދަކް" ގެނެސްދިން ތަރޫން ދުދޭޖާ އެވެ.
އުންމީދީ އެކްޓަރެއްގެ ގޮތުގައި ކުރިއަމުން އަންނަ އަބޭ އަކީ ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ކާސްޓްގައި ވެސް ހިމެނޭ އެކްޓަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި އޭނަ ފެންނާނީ، އޭގައި މުހިއްމު ރޯލެއް ކުޅޭ ޝާހްރުކްގެ ދަރިފުޅު، ސުހާނާ ޚާންގެ ބައިވެރިޔާގެ ގޮތުގަ އެވެ.
އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑިއުސްކުރާ އަދި ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅޭ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި ލަކްޝް ލަލްވާނީ ބަތަލުގެ ރޯލު ކުޅޭ "ޗާންދު މޭރާ ދިލް" ހިމެނެ އެވެ. އަނަންޔާ އެންމެ ފަހުން ފެނިފައި ވަނީ ދަރުމާ އިން އެޕްރީލް މަހު ގެނެސްދިން "ކޭސަރީ ޗެޕްޓާ 2" އިންނެވެ.