ވަޓްސްއެޕް މެދުވެރިކޮށް ސްކޭމްތައް ހިންގަން ހަދާފައިވާ 6.8 މިލިއަން އެކައުންޓް ނައްތާލާފައިވާ ކަމަށް އެ އެޕް ހިންގާ މެޓަ އިން ބުނެފި އެވެ.
ފޭސްބުކާއި އިންސްޓަގްރާމް ވެސް ހިންގަމުން އަންނަ މެޓަ އިން ބުނީ އެ ސްކޭމް އެކައުންޓްތަކަކީ ހަމައެކަނި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ނައްތައިލި އެކައުންޓްތައް ކަމަށެވެ. މެޓައިން ބުނި ގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް ސްކޭމްތައް ހިންގުން މުޅި ދުނިޔެ އަށް ފެތުރިފައިވާ އިރު، އެ މައްސަލަ އެންމެ ބޮޑު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގަ އެވެ.
މެޓައިން ބުނީ ވަޓްސްއެޕް މެދުވެރިކޮށް ސްކޭމްތައް ހިންގުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އަލަށް ތައާރަފުކުރި އެންޓި-ސްކޭމްގެ ދަށުން މިހާރު ގްރޫޕެއްގައި ހިމެނޭ މީހެއްގެ ކޮންޓެކްޓް ލިސްޓްގައި ނެތް މީހަކު ގްރޫޕަކަށް ވައްދައިފި އެކަން އެލާޓްކޮށް ދޭނެ ކަމަށް މެޓައިން ބުންޏެވެ.
ވަޓްސްއެޕް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ތެރޭގައި އެކައުންޓްތަކުގެ ކޮންޓްރޯލް ވެސް ނަގައި، ފޭކް އިންވެސްޓްމަންޓް ފަދަ ކަންކަމުގެ މަޅީގައި މީހުން ޖައްސައިގެން ފޭރުން ފަދަ ސްކޭމްތައް ހިންގަ އެވެ.