Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްްބެވި 61 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓާއެކު އެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވީ ބިލް ފާސް ނުކުރުމަށެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.