ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކެއްގެ ގުރުއަތު ނުނަގައި، 75 އަށް ވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގައި 315 ފްލެޓެއް ހަމަޖައްސައިދިން މައްސަލަ، ހައުސިން މިނިސްޓްރީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ހައުސިން މިނިސްޓްރީގެ ޕާމަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް ސޮއިކުރައްވައި އޭސީސީގެ ރައީސް އާދަމް ޝަމީލްއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދޫކުރުމުގެ އުސޫލު އަދި މިނިސްޓްރީން ކަނޑައަޅައިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފުލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮޮށް، އެ މީހުންނާ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފުލެޓް ހަމަޖައްސައިދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓުތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް ބަޔާންކޮށްފައިވާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަމާއި ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ މިނިސްޓްރީން ވަނީ އުސޫލާ ހިލާފަށް 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅައިފައި ނުވަނީސް 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެ ފަރާތްތަކަށް ފުލެޓް ކަނޑައަޅައިފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގުސަދުގައިކަމަށް ގަބޫލުކުރެވޭތީ، މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިފަ އެވެ.