Last Updated: August 8, 10:25
Friday, August 8, 2025
ޚަބަރު

ކައުންސިލްތަކުން ބަޔާން ނެެރެނީ އެމްޑީޕީން ފައިސާ ދީގެން

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލާއި ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރެނީ އެމްޑީޕީން ފައިސާ ދީގެން ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، މި ބިލާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންދަނިކޮށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުވާނެކަން އެމްޑީޕީއަށް ޔަގީންވާ ކަމަށާއި ކައުންސިލް އިންތިހާބުގެ 80 ޕަސެންޓް ކާމިޔާބު ކުރާނީ ޕީއެންސީން ކަމަށެވެ. އަދި މި ބިލާއި ދެކޮޅަށް ކައުންސިލްތަކުން ބަޔާންތައް ނެރެން އެމްޑީޕީން ފައިސާ ހުށަހަޅަމުންދާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 20-25 ކައުންސިލުން އަޅުގަނޑަށް އިއްޔެ ވެސް ގުޅާފައި ބުނީ އެމްޑީޕީން އެބަ ލާރި ހުށަހަޅައޭ މިއާ ދެކޮޅަށް ބަޔާން ނެރެދޭށޭ ކިޔާފައި. މިއީ ހެޔޮވާވަރު ކަންތައްތައްތޯ ކުރަން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ މަގުސަދަކަށްވީ ސޯޝަލް މީޑިއާގައި ވާހަކަދައްކައިގެން، ފާޑުފާޑުގެ އެކިއެކި ބަޔާންތައް ނެރުވައިގެން ލާމަރުކަޒީ ބިލުގެ އިސްލާހު ހުއްޓުވާލުން ކަމަށެވެ. ނަމަވެސް ޕްރެޝަރުކޮށްގެން ކަންކަން ކުރެވޭނެ ކަމަށް އެމްޑީޕީން ހީކޮށްގެން ނުވާނެ ކަމަށާއި ޕްރެޝަރުކޮށްގެން މި ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ގެންނަ އިސްލާހުތަކާއި ގާނޫނުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.