މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ސާޕްލަސްއެއްގައި ދަމަހައްޓައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 314.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ދަމަހައްޓައިފައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އޭގެ ކުރިން، 2023 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.2 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު 60.8 އިންސައްތައިން ދަށްވެފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރިކަރަންޓް ހަރަދުގެ 56.2 އިންސައްތަ ހޭދަކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 20.0 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 20.1 އިންސައްތައިން ދަށްވެފަ އެވެ.
ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ، މިދިޔަ އަހަރާ އަޅައިބަލާއިރު 5.1 އިންސައްތައިން ދަށްވެފައިވާއިރު، ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 10.7 އިންސައްތަ ދަށްވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.3 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ހޭދަކޮށްފައިވެ އެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ ޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 20.5 އިންސައްތަ އެވެ.
މި އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައި ވީނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ. އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ހަރަދުކޮށްފައި ވާއިރު، އޭގެތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެ އެވެ. އަދި ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް ތަފާސްހިސާބުތަކުން ހާމަވެ އެވެ.
ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކުރެވިފައިވާ ކަމުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.