Last Updated: May 12, 20:00
Sunday, May 12, 2024
ޚަބަރު

ފްރާންސުގައި ކުއްލި ހާލަތު އިއުލާން ކޮށްފައި!

ރޭ ފްރާންސުގެ ވެރިރަށް ޕެރިސްގެ 6 ސަރަޙައްދަކަށް ދިން ބޮން ގޮއްވުމާއި ބަޑީގެ ހަމަލާ ތަކުގައި 153އަށް ވުރެ ގިނަ މީހުން މަރުވުމާއި ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއްލާންކޮށްފިއެވެ.

މިހަމަލާތައް ހިނގީ ރޭގައި ފްރާންސް އަދި ޖަރުމަނު ކުޅުނު އެކުވަރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެމުން ދަނިކޮށެވެ. އޭކޭ-47 ގެ ބަޑި ތަކަކާއި ބައެއް މީހުންގެ ގައިގައި ބޮން ތަކެއް ހަރުކޮށްގެން ޖާނުންފިދާވެ ދިން މިހަމަލާގައި 153 މީހުން މިހާތަނަށް ވަނީ މަރުވެފައިވާ ކަމަށާއި މި އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށް ފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެއެވެ.

ހަމަލާ ތައް ދިން މީހުންގެ ތެރެއިން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން 7 މީހަކު މަރުވީ ޖާނުންފިދާވެގެން ކަމަށް ޚަބަރު ލިބެއެވެ. މިހަމަލާ ތަކުގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނީ ބަޓަކްލޭން ކޮންސެޓް ހޯލަށެވެ. 112 މީހުން އެސަރަހައްދުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހަމަލާ ތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާ ނަމަވެސް މިއީ އިންސާނިއްޔަތަށް ދިން ވަރަށް ބޮޑު އުދުވާނީ ހަމަލާ އެކެވެ. ފްރާންސުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު މިހަމަލާ އިތުރަށް ތަހުގީގު ކުރަން ދުނިޔޭގެ އެކި ގައުމު ތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.