Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ މާފުށީ ހޮޓެލް އަޅާނެ ބަޔަކު ހޯދަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަދަން ނިންމާފައިވާ ހޮޓެލް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ހޮޓެލް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. ހޮޓެލް އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ވެސް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮޓެލް އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ.

އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000 ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި މީގެކުރިން ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުން ކަމަށެވެ.

އެގޮތުން ހަލާލް ޓޫރިޒަމް ތައާރަފްކޮށް މާފުށީގައި ސިޓީ ހޮޓަލެއް ހިންގުމަށް މާފުށީ ކައުންސިލްގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފާއްދާ އެރަށުގައި ސިޓީހޮޓަލެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް އަޅައިގެން ވިއްކުމަށްވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.