Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުން މަޝްވަރާކޮށްފި

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ އެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ބާއްވައިފި އެވެ.

ދެ ވުޒާރާގެ މެދުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ބޭކިން ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުމަށާއި، ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމަށާއި، ކައުންސިލުގެ ބްލޮކް ގްރާޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އަދި ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމަށާއި، ލޯކަލް އޮތޯރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން އެ އިސްލާހުތަކުގައިކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.