Last Updated: July 12, 11:54
Sunday, July 12, 2026
ޚަބަރު

ރައީސް މަސައްކަތް ކުރައްވަނީ ކައުންސިލްތައް ބާރުވެރިކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރަން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކޮށްފައިވަނީ، އެ އިސްލާހުތަކާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންދަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް މުއިއްޒު
ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެގޮތުން ކައުންސިލްތަކަަށް ފަޅު ރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅުއްވާ ގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫޢުތަކަށް ކައުންސިލްތަކުން ހުށަހަޅުއްވާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ވީރާނާ ވެފައިހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުންދާ ކަންކަން ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި އިސްލާހުތަކާއި ދެކޮޅަށް 50އަށް ވުރެ ގިނަ ރަށު އަދި އަތޮޅު ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ.