Last Updated: July 12, 09:52
Sunday, July 12, 2026
ޚަބަރު

އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޭނަން

ދެން އުފެދޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި ކުރިއަށް ވުރެ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކޮށްފައިވަނީ، އެ އިސްލާހުތަކާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންދަނިކޮށެވެ.

މިކަމާ ގުޅިގެން މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވާފައި އޮތްގޮތަށް ކައުންސިލްތަކުގައި ވެސް ތަޅު އަޅުވަން ކަމަށާއި މިކަން ކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅުއްވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކަމަށެވެ.

އެގޮތުން މިހާރު ފެންނަމުންދަނީ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ރަނގަޅު އިންވެސްޓްމެންޓުތަކެއް ހޯދަމުންދާތަން ފެނުމުން އެކަމާ މާބޮޑަށް "ކުޅުދިޔާވެގެން" އުޅޭ މަންޒަރު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މި އިސްލާހުތަކަކީ އަމިއްލަ އެދުމާއި ބާރުވެރިކަން ޖަމާކުރުމުގެ ބޭނުމުގައި ގެންނަ އިސްލާހުތަކެއް ކަމަށާއި މީގެ ސަބަބުން ރަނގަޅަށް ހިނގަމުންދާ ނިޒާމެއް އެއްކޮށް ފުނޑުނޑުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަށްރަށުގެ ރައްޔިތުންގެ އަތުގައި ބާރުވެރިކަން އޮތުމުން ރަށްތަކުގެ އެތައް ކަމެއް ފަސޭހަވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން ވަރަށް ގަދައަށް މަސައްކަތް ކުރާ 30 ނުވަތަ 40 ކައުންސިލް މިހާރުވެސް އޮތްއިރު، އޭގެއިން ކައުންސިލަކާއި މި ސަރުކާރުގެ އެންމެ މިނިސްޓްރީއެއް ވެސް ކައިރި ނުކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އުފެދިގެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް. ހަމަ މިހާރު އޮތް ގޮތަށް އެ ބަދަލުކޮށް، އިހުނަށް ވުރެ ބޮޑެތި ބާރުތަކެއް އަޅުގަނޑުމެން ރަށްތަކަށް ދޭނެ ކަމުގެ ޔަގީންކަމާއި ކަށަވަރުކަން އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒު ވަނީ މަޖިލީހުން މިއަދު ފާސްކުރި އިސްލާހުތައް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ގޮވާލާފަ އެވެ.