Last Updated: July 12, 10:50
Sunday, July 12, 2026
ޚަބަރު

ވަޒީރުން ބޭރަށް ކުރައްވަނީ ބޭކާރު ދަތުރުތަކެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މި ސަރުކާރުގެ ވަޒީރުން ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވަނީ ބޭކާރު ދަތުރުތަކެއް ކަމަށާއި އެ ދަތުރުތަކުން ރާއްޖެއަށް ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ އޭނާ ފޮރިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ދަތުރުތައް ކުރެއްވުމުން އެކި ތުހުމަތުތައް ކުރެއްވި ކަމަށާއި ނަމަވެސް އެ ދަތުރުތަކުން ހުންނާނީ ނަތީޖާ ދައްކާފައި ކަމަށެވެ.

"މިހާރު އެ ކުރައްވާ ދަތުރުފުޅުތަކުން ރާއްޖެއަށް ލިބުނު އެއްޗެއް، ހޯދުނު އެއްޗެއް، ކުރެވުނު ކަމެއް ނިކަން ދައްކަވާ. އެއްވެސް ކަމެއް ނުވޭ. ބޭކާރުކޮށް ކުރައްވަމުން ގެންދަވާ ދަތުރުތަކެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެކަމުގައި ވެސް ތުހުމަތުގެ އިނގިލި އަމާޒުވީ ލޯކަލް ކައުންސިލްތަކާއި ދިމާލަށް ކަމަށާއި ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކުގެ އަގުވައްޓާލައި އިތުބާރު ނަގާލުން ކަމަށެވެ.

އަދި ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ވުމުން އެކަން ވެސް "އޯކޭ" ވެފައި، ކައުންސިލްތަކުން އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެންގުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ސަރުކާރުންނާއި ކައުންސިލްތަކުން ވެސް އަމިއްލަ ވިޔަފާރިތަކަށް ވަނުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، ޝާހިދު ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމު މަގުމަތި ވިޔަނުދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.