Last Updated: July 12, 10:50
Sunday, July 12, 2026
ޚަބަރު

ފަރަށް އެރި ޔޮޓެއް 4.8 މިލިއަނުން ޖޫރިމަނާކޮށްފި

އދ. އަތޮޅުގެ ފަރަކަށް އަރައި ތިމާވެއްޓަށް ގެއްލުންވި "އެމްވައި ބިގް ފިޝް" ނަމަކަށް ކިޔާ ޔޮޓު، 4.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން، މި ޖޫރިމަނާ ކޮށްފައިވަނީ ޔޮޓު ފަރަށް އެރުމާ ގުޅިގެން ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުންނެވެ.

އީޕީއޭ އިން ބުނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީގެ ޔޮޓު، އދ. އަތޮޅުގެ RF1329 ފަރަށް މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އުރިފައިވާ ކަމަށެވެ.

މި ޔޮޓު ފަރުމަތިން ނަގާފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން، ޖޫން މަހުގެ 4 ވަނަ ދުވަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވޭޔަރުންނާއެކު އެ ޔޮޓު ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސާވޭއެއް ކުރެވިފައިވާ ކަމަށާއި ސާވޭއިން ފާހަގަކުރެވުނު ގޮތުގައި، އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތައް ލިބި، ހަލާކުވެފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

މިހެންކަމުން، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދަކީ 4.8 މިލިއަން ރުފިޔާ ކަމަށް އީޕީއޭއިން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ޓެމްޕަލް މެރިން އެލްޓީޑީ ޖޫރިމަނާކޮށްފައިވާ ކަމަށާއި، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.