Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

އައިޔޫއެމާއި ވިލާ ކޮލެޖުން ސެން ޓީޗަރުން ތަމްރީނު ކުރަނީ

ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރަން އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢު އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

އެެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އައިޔޫއެމްގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ސެން ޓީވަރުން ތަމްރީނު ކުރުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭގެ އިތުރުން އައިޔޫއެމާއި ވިލާ ކޮލެޖްގެ ކެމްޕަސްތައް ހުންނަ ރަށްރަށުގަ އެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. ކޯސް ކުރިއަށް ގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށް 8 މޮޑިއުލްއަކަށެވެ.

ކޯހަށް ފީދައްކަން ނުޖެހޭ އިރު ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް ދަރިވަރަކަށް މަހަކު 1،500ރ. ގެ ޕޮކެޓްމަނީއެއް މިނިސްޓްރީން ދޭނެ އެވެ.