Last Updated: August 9, 10:53
Saturday, August 9, 2025
މުނިފޫހިފިލުވުން

ބަތަލާ ވަރީނާގެ ނަން ބަދަލުކޮށްފި

އިންޑިއާގެ ބަތަލާ ވަރީނާ ހުސައިންގެ ނަން ބަދަލުކޮށްފި އެވެ.

ވަރީނާ އަކީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2018 ގައި ގެނެސްދިން ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާ އެވެ. އެ ފިލްމަކީ ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ ތައާރަފު ކުރަން ގެނެސްދިން ފިލްމެވެ.

"ލަވްޔާތުރީ" ގެ ފަހުން ސަލްމާންގެ "ދަބަންގް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ދަބަންގް 3" ގެ އައިޓަމް ލަވައެއް ވެސް ކުޅުނު ވަރީނާ ބުނީ އޭނަގެ ރަސްމީ އާ ނަމަކީ މިހާރު ހީރާ ވަރީނާ ކަމަށެވެ. އެގޮތުން މިހާރު އޭނަގެ ނަމުން ހުސައިން އޮތީ އުނިކޮށްފަ އެވެ.

ނަން ބަދަލު ކުރި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް 25 އަހަރުގެ ބަތަލާ ބުނީ އާ ނަމާ އެކި ހަޔާތުގެ އާ ބާބެއް ފެށުނީ ކަމަށެވެ.

އަފްގާނިސްތާނަށް ނިސްބަތްވާ ވަރީނާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ "ޔާރިޔާން 2" އިންނެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ވަރީނާ ނަން ބަދަލުކުރި އިރު، ބޮލީވުޑްގައި ނަން ބަދަލުކޮށްފައިވާ އެތައް ތަރިންނެއް އުޅެ އެވެ. މަޝްހޫރު ބައެއް ތަރިން ފލްމީ ކެރިއަރު ފެށުމުގެ ކުރިން އަދި ބައެއް ތަރިން އެ މީހުންގެ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދަން ކެރިއަރުގެ ކުރީކޮޅު ވެސް ނަން ބަދަލުކޮށްފައިވެ އެވެ.