Last Updated: August 9, 10:53
Saturday, August 9, 2025
މުނިފޫހިފިލުވުން

ރިތިކްގެ ލަވައަކަށް ބައްޕަ ނަށާ ވީޑިއޯއެއް

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަންގެ އާ ފިލްމު "ވޯ 2" އިން އާންމުކުރި ފުރަތަމަ ލަވަ "އާވަން ޖާވަން" އަށް ވަރަށް ބޮޑަށް ހިޓްވެފައިވާތީ އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބައްޕަ ރާކޭޝް ރޯޝަން އެ ލަވަ އަށް ނަޝާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ސްޓޫޑިއޯއެއްގެ ތެރޭގައި ބެކް ޑާންސަރުންތަކަކާ އެކު ރާކޭޝް ވަރަށް ފޯރި އާއި ޖޯޝްގައި ލަވަ އަށް ނަށާތަނެވެ. އެ ޕޯސްޓްގައި އޭނަ ވަނީ ލަވައިގެ ޓީމަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

ޕްރިތަމްގެ މިއުޒިކަށް އަރިޖިތު ސިންގް އާއި ނިކިތާ ގާންދީ ކިޔާފައިވާ "އާވަން ޖާވަން" އަކީ ރިތިކާއި ކިއާރާ އަދުވާނީގެ ނެށުންތަކެއް ފެނިގެންދާ ލަވައެކެވެ. އެ ލަވައިގެ ނެށުން ހެދީ ބޮސްކޯ އެވެ.

ލަވައިގެ ސްޓެޕްތައް ރިތިކްގެ ބައްޕަ ރާކޭޝް، 75، ޖައްސާ މަންޒަރު ދައްކައިލި އިރު އޭނަ އަކީ ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއްގެ އިތުރުން ކުރީގެ އެކްޓަރެކެވެ. ބޮލީވުޑްގެ އެންމެ މޮޅު ނެށުންތެރިންގެ ތެރޭގައި ގުނާލެވޭ ރިތިކް ބޮލީވުޑަށް ތައާރަފުކުރީ ރާކޭޝް ޑައިރެކްޓްކޮށް 2000 ވަނަ އަހަރު ގެނެސްދިން ފިލްމު "ކަހޯ ނާ…ޕިޔާރު ހޭ" އިންނެވެ.

މި މަހުގެ 14 ގައި ސިނަމާތަކަށް ދޫކޮށްލާ ރިތިކްގެ "ވޯ 2" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގައި ހިމެނޭ އޭނަގެ "ވޯ" ފްރެންޗައިޒްގެ ދެވަނަ ބައެވެ. ކާސްޓްގައި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނޭ "ވޯ 2" އަކީ އަޔާން މުކަރްޖީ ޑައިރެކްޓްކުރި ފިލްމެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށް "ވޯ" ގެނެސްދިނީ 2019 ގަ އެވެ.