Last Updated: August 9, 10:53
Saturday, August 9, 2025
މުނިފޫހިފިލުވުން

"ލޯބިން" އަޅުވާ ފުރަތަމަ ރަށަކަށް ދިއްދޫ

އޮލިމްޕަހުގައި ރޭ ޕްރީމިއާކުރި "ލޯބިން" މިރޭ ހއ. ދިއްދޫގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ތުރިލާ އަޅުވާ ފުރަތަމަ ރަށެވެ. އިއްލެ ބުނީ ދިއްދޫގައި މިރޭ "ލޯބިން" އަޅުވާ އިރު، އިތުރު 25 ރަށެއްގައި ވެސް ފިލްމު އަޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ޝޯތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާވެގެން ދާނެ އެވެ.

"ލޯބިން" އަކީ މި އަހަރު އޮލިމްޕަހަށް ގެނައި ތިން ވަނަ ފިލްމެވެ. މީގެ 25 ޝޯ އެ ސިނަމާގައި ދައްކާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ހަށިވިއްކުމުގެ ތެރޭގައި އުޅެން ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމުގެ މައިގަނޑު ތަރިންނަކީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.

އައި ފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދިން "ލޯބިން" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.

ފިލްމުގެ ޕްރީމިއާ ޝޯ އަށް ފަހު ވަތަށް ގިނަ ބަޔަކި ފިލްމަށް ތައުރީފުކޮށް، ވަރަށް ޕޮޒިޓިވް ރިވިއުތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަނަނަ އިރު، އިއްލެ އަކީ މިހާރު ދިވެހި ފިލްމު ބަލާ އޯޑިއަންސް އެންމެ އިތުބާރުކުރާ އެއް ޑައިރެކްޓަރެވެ. "ލޯބިން" އަކީ އޭނަގެ ފަސް ވަނަ ފީޗާ ފިލްމެވެ.

ފާހަގަކޮށްލެވޭ ކަމަކީ އޭނަ ކޮންމެ ފަހަރަކު ވެސް އާ ޖޯންރާއަކަށް ފިލްމުތައް ގެނެސްދެމުން އަންނަ ކަމެވެ.