Last Updated: August 9, 10:53
Saturday, August 9, 2025
މުނިފޫހިފިލުވުން

'ލަވް އެންޑް ވޯ' ގެ ފަސްޓްލުކް ރަންބީރްގެ އުފަން ދުވަހު

ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގެ ފަސްޓްލުކް، އެ ފިލްމުގެ ކާސްޓްގައި ހިމެނޭ ރަންބީރް ކަޕޫރްގެ އުފަން ދުވަހު އާންމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަގެ 43 ވަނަ އުފަން ދުވަހަކީ އަންނަ މަހުގެ 28 އެވެ.

"ލަވް އެންޑް ވޯ" ގެ ބަތަލާ އަކީ ރަންބީރްގެ އަންހެނުން އާލިއާ ބަޓެވެ. އަދި މި ދެމަފިރިންނާ އެކު ފިލްމުގެ މުހިއްމު ރޯލަކުން ވިކީ ކޯޝަލް ވެސް ފެންނާނެ އެވެ.

"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން އޮތީ އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އެވެ. ނަމަވެސް ތާރީހު މިހާތަނަށް އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާތީ ރަންބީރްގެ އުފަން ދުވަހު ދައްކައިލާ ފަސްޓްލުކާ އެކު، ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު ވެސް ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

ރަންބީރާއި ވިކީ ވެސް ޕައިލެޓުންގެ ރޯލު ކުޅޭ "ލަވް އެންޑް ވޯ" އަކީ އަސަރު ގަދަ ތިނެސްކަން ލޯބީގެ ފިލްމެކެވެ، މިއީ ބަންސާލީ އެންމެ ފަހުން ގެނެސްދިން އަދި އާލިއާ އަށް 2023 ގައި ނެޝަނަލް އެވޯޑް ލިބުނު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އަށް ފަހު އޭނަ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ލަވް އެންޑް ވޯ" އަކީ ބަންސާލީއާ އެކު ރަންބީރް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުކުރީ ކުޅަދާނަ ޑައިރެކްޓަރުގެ 2007 ގެ "ސާވަރިއާ" އިންނެވެ. އެ ފިލްމުން ރަންބީރަށް ލޯބި އޮހުނު ނަމަވެސް، އެއީ ބަންސާލީގެ ކެރިއަރުގެ އެންމެ ފީކަޅާ ފިލްމު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

"ލަވް އެންޑް ވޯ" އަކީ ބަންސާލީއާ އެކު، ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ އަކީ ވެސް ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ތަރިއެކެވެ.