މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، މާކެޓުގައި ދައުރުވަމުންދިޔަ 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދައިފި އެވެ.
އެމްއެމްއޭ އިން މިދިޔަ ޖުލައި 23 ވަނަ ދުވަހު ފެށި އޯއެމްއޯގެ ރިވާސް ރީޕަޗޭސް ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގައި ދައުރުވާ 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ.
އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައިވާތީ އެމްއެމްއޭގެ އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުމެވެ.
ބޭންކިން ނިޒާމުތަކުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި ހުރީ އެވްރެޖުކޮށް ހަތް ބިލިއަން ރުފިޔާ ކަމަށާއި އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ މަނީ ސަޕްލައިގެ ގޮތުގައި ހުރީ 64.5 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 10.7 ޕަސަންޓުގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މަނީ ސަޕްލައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކުތަކުން ސަރުކާރުގެ ސެކިއުރިޓީސް (ޓ-ީބިލް އަދި ޓީ -ބޮންޑް)ގައި އިންވެސްޓް ކުރާ މިންވަރާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދޫކުރާ ލޯނުގެ މިންވަރު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.