ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ތަރައްޤީކުރުމަށް ބޭންކުން ދޭ އެހީތެރިކަމުގެ ބައެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އާންމުކޮށް މި ގްރާންޓް ދެ ވިޔަފާރިއަކަށް ދިން ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިން ވިޔަފާރިއަކަށް ގްރާންޓް ދޭން ވަނީ ނިންމައިފަ އެވެ.
މި ގްރާންޓްގެ ދަށުން، ކޮންމެ ވިޔަފާރިއަކަށް 500,000 ރުފިޔާ ލިބޭނެއެވެ. މާލީ އެހީތެރިކަމުގެ އިތުރުން، ބޭންކުން ވަނީ ކާމިޔާބުކަމާ އެކު އެ މީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ މާލީ އިރުޝާދު ދިނުމަށް ވެސް ނިންމާފަ އެވެ.
މި ގްރާންޓަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.
މި ގްރާންޓަށް އެދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުށަހެޅޭނެ އެވެ. ގްރާންޓަށް އެދި ހުށަހަޅަން ޖެހޭނީ startupgrant@bml.com.mv އަށް އީމެއިލް މެދުވެރިކޮށެވެ.