Last Updated: August 9, 10:53
Saturday, August 9, 2025
ޚަބަރު

މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރުމާ އަދި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ފައިވްސްޓަރ، ޢަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) އެވެ.

ފުލުހުން ބުނީ ރޭ ހިންގި މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ.

އެގޮތުން އެ މީހުން ދުއްވި ސައިކަލު ޓޯކޮށް އަދި އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 17.06 ގުރާމުގެ ތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.