ސަރުކާރުން 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ އެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ރަށްތައް:
1- ހއ. ތުރާކުނު
2- ހދ. ނޮޅިވަރަމްފަރު
3- ހދ. ފިނޭ
4- ށ. މަރޮށި
5- ނ. މާފަރު
6- ބ. ތުޅާދޫ
7- ބ. ކުޑަރިކިލު
8- މ. މުލި
9- ތ. ގުރައިދޫ
10- ތ. ހިރިލަންދޫ
11- ތ. ކިނބިދޫ
ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުންނެވެ. އެގޮތުން ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.