Last Updated: August 10, 10:05
Sunday, August 10, 2025
ރިޕޯޓް

ލޮބުވެތި އަޚުންނޭވެ. ހުކުރު ދުވަހެވެ.

ދ. ކުޑަހުވަދޫގެ މިސްކިތެއް. ފޮޓޯ/ ޝައިހް އަހުމަދު ސަމީރު

ހުކުރު ދުވަހަކީ ﷲގެ ޙަޟްރަތުގައި ނުހަނު ބޮޑު ޤަދަރަކާއި ޝަރަފެއް ލިބިގެންވާ ދުވަހެކެވެ. އެއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން މުއުމިނުންގެ ޢީދެވެ.

އެ ދުވަހާ ބެހޭގޮތުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( خَيْرُ يَومٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الجُمُعَةِ : فِيهِ خُلِقَ آدَمُ ، وَفِيهِ أُدْخِلَ الجَنَّةَ ، وَفِيهِ أُخْرِجَ مِنْهَا )) رواه مسلم މާނައީ: އެދުވަހެއްގައި އިރުއެރި އެންމެ ހެޔޮކަން ބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. އެދުވަހު، އާދަމުގެފާނު ޚަލްޤު ކުރެއްވުނެވެ. އަދި އެ ދުވަހު، އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެ ދުވަހު، އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ.

ހުކުރު ދުވަހުގެ އެންމެ މުހިއްމު އެއްކަމަކީ ހުކުރު ނަމާދެވެ. ހުކުރު ނަމާދުގެ އެންމެ މުހިއްމު އެއް ކަމަކީ އެނަމާދުގެ ކުރިން ދެވޭ ޚުޠުބާއެވެ. އުއްމަތުގެ މީސްތަކުންނަށް ނަސޭހަތެއްގެ ގޮތުގައްޔާއި އިރުޝާދެއްގެ ގޮތުގައި ގެނެސްދެވޭ މި ޚުޠުބާއަކީ، މުޖުތަމަޢު އިޞްލާޙުކުރުމުގެ ވަރަށްވެސް ބޮޑު ދައުރެއް އަދާކުރަން ޖެހޭ އެއްޗެކެވެ.

އެދުވަހުގެ ނަމާދުގައި ބައިވެރިވެއްޖެ މީހާއަށް ލިބޭ ސަވާބާއި ދަރުމައަކީ ކޮބައިތޯ އެވެ؟ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުން މީގެ ޖަވާބު ހޯދަމާ ހިނގާށެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، مُكَفِّراتٌ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ)) رواه مسلم

މާނައީ: ފަރުޟު ފަސްނަމާދާއި، އެއް ހުކުރުން، އަނެއް ހުކުރަށާއި، އެއް ރަމަޟާންމަހުން، އަނެއް ރަމަޟާންމަހަށް އެދެމެދުގެ ވަގުތުތަކަކީ، އެމީހަކު ބޮޑެތި ފާފަތަކުން ރައްކައުތެރިވެއްޖެ ނަމަ، އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. (އެއީ) ބޮޑެތި ފާފަތަކުން އެއްކިބާވެގެންވާ ނަމަ އެވެ.

ކޮންމެއަކަސް އެ ދުވަހުގެ ހުކުރުގެ ނަމާދުގައި ބައިވެރިވާ މީހާ، ޚުޠުބާ އަޑު އެހުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ޚުޠުބާގެ ވަގުތުގައި މޯބައިލް ފޯނާ ކުޅެ، ފޯނުން ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް ނެޓްވޯކްތައް އަޕްޑޭޓްކޮށް ހަދާލުމަކީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި މާބޮޑު ކަމަކަށް ނު ވެއެވެ. ހުކުރު ނަމާދުގެ ޚުޠުބާ އަކީ ހުކުރު ނަމާދުގެ ބައެއް ކަމުގައިވީ ނަމަވެސް، އެ ވަގުތުގައި ވެސް އަޅުގަނޑުމެންނަށް ﷲއަށް ޓަކައި މިތަކެތިން ސަލާމަތެއް ނުވެއެވެ.

ހުކުރު ޚުޠުބާ ދެވޭ ވަގުތު މިސްކިތުގެ ބޭރުފެންޑާ އާއި މިސްކިތުގެ މަގުފާރު މަތީގައި ވާހަކަ ދައްކަން ތިބޭ މީހުން ރާއްޖޭގެ އެކި ރަށްރަށުގައި މަދެކޭ ނުދެންނެވޭނެ އެވެ. އެފަދަ މީހުންނަށް ކަމުގެ ޙަޤީޤަތް އެނގޭނެ ނަމަ، އެބައިމީހުން އެކަންތައް ނުކުރީހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ބަސްފުޅަކީ އެފަދަ މީހުންނަށާއި އަޅުގަނޑުމެން އެންމެންނަށްވެސް ހުރި ބޮޑު ފިލާވަޅެކެވެ. ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((مَنْ تَوَضَّأ فَأَحْسَنَ الوُضُوءَ ثُمَّ أتَى الجُمُعَةَ ، فَاسْتَمَعَ وأنْصَتَ ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ وَزِيادَةُ ثَلاَثَةِ أيَّامٍ ، وَمَنْ مَسَّ الحَصَى ، فَقَدْ لَغَا)) رواه مسلم މާނައީ: މީހަކު ވުޟޫކޮށް، އަދި އެވުޟޫ ފުރިހަމަކޮށްގެން، ހުކުރު ނަމާދަށް އައިސް، ފަހެ ޚުޠުބާއަށް ކަނުލައި އަޑުއަހައި، އަދި ހަމަހިމޭނުން އިނދެއްޖެ ނަމަ، އެ ހުކުރު ދުވަހާއި، އަންނަން އޮތް ހުކުރާ ދެމެދާއި، އަދި އިތުރު ތިން ދުވަހުގެ ފާފަ ފުއްސެވޭ ހުއްޓެވެ. އަދި (އިމާމާ ޚުޠުބާ ކިޔާ ހިނދު) އޮށްގާކޮޅަކާ ކުޅުން ފަދަ ކަމެއް ކުރި މީހާ ވެސް، އެ ކުރީ ބާޠިލު ކަމެކެވެ.

އޭގެ މާނައަކީ، އެއީ ޚުޠުބާ އަށް ކަނުލައި އެހުމަށް ހުރަސްއެޅޭފަދަ ކަމެއް ކަމުގައި ވުމާއެކު، ހުކުރުގެ ޘަވާބާއި ދަރުމަ އުނިވާނެ ކަމެކެވެ.

އެހެންކަމުން މިކަމާމެދު ރައްކާތެރިވުމަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ހުކުރު ޚުޠުބާ ކަނުލައި އަޑުއަހައި، ޚުޠުބާއިން ފިލާވަޅު ލިބިގަނެ، ތިމާއާއި ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ދިރިއުޅުން އިޞްލާޙު ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ.

މަސްދަރު: ނޫރުލްއިސްލާމް