ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީ ނުވާތީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ފޮނުވި ސިޓީގައި ބުނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީވުމުގެ ގޮތުން، ސަރުކާރުގެ ވުޒާރާތަކުން ކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާއި، ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާތަކުން ކުރާ މަސައްކަތްތަކާއި، އަދި މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރެވެމުންދަނީ ކިހާ ވަރަކަށްތޯ ބެލުމަށްޓަކައި ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ވަޒީރުން ގެންދަވަނީ ހުރަސްއަޅުއްވަމުންނެވެ." ސިޓީގައި ބުނެފައިވެ އެވެ.
ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމާއި ވަޒީރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް ލިބިދީފައިވާކަމާއި، ވުމާއެކު މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނަށް ފިޔަވަޅު އެޅުމަކީ ރައީސްގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތުން މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ގާނޫނު އަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރަން ސިޓީގައި ވަނީ އެދިފަ އެވެ.