ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރީ ދިވެއްސަކަށް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ މީހެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އެހެން ކަމުން މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާު ނުފެތުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.