ކުރިއަށް އޮތް ކައުންސިލް އިންތިހާބު "ގަންނަން" މި ސަރުކާރުން 400 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ސަރުކާރަށް ތާއީދެއް ނެތްކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށާއި މި ސަރުކާރަށް އިންތިހާބެއް ކާމިޔާބު ކުރެވޭނީ ގަނެގެން ކަމަށެވެ.
އެގޮތުން ކައުންސިލް އިންތިހާބަށް 400 މިލިއަން ރުފިޔާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ފައިސާ ހޯދަނީ ސަރުކާރު ކުންފުނިތަކަށް ލިބޭ ފައިދާއިންނާއި އެމްއެމްއޭ މެދުވެރިކޮށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރާއި ވާދަވެރި އެމްޑީޕީއަށް ދާދިފަހުން ވެސް ބޮޑު އަދަދަކުން ފައިސާ ދައްކަން ހުކުމެއް އައިސްފައިވާއިރު، އެމްޑީޕީގެ އަތުގައި ފައިސާއެއް ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު 80 ޕަސެންޓުން ކާމިޔާބު ކުރާނެ ކަމަށް ޕީއެންސީގެ ބޭފުޅުން އަޑުގަދަކޮށްފައި ބުނި ނަމަވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް އެ ބޭފުޅުންނަށް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކައިރިވެސް ނުވާނެކަން އެނގޭތީ 400 މިލިއަން، މި މީހުން ދަންނާނީ ލާރި ބަހައިގެން ގޮނޑި ނަގަން. ތެދެންމެ، ޑިމޮކްރެސީގައި ހުއްދަ ކަންކަން އެހެރީ. އެކަމަކު އެއީ ލަދު ހުތުރު ކަންތައް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ކައުންސިލް އިންތިހާބަށް 400 މިލިއަން ރުފިޔާ ހޯދަން އުޅުމަކީ ރައްޔިތުންގެ ތާއީދާއި ލޯބި އަދި އެޖެންޑާއެއް ވިއްކައިގެން އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އިއުތިރާފްވުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.