Last Updated: August 10, 10:05
Sunday, August 10, 2025
ޚަބަރު

މަދު ދުވަސްކޮޅެއްގެ ތެރޭގައި 14 މެމްބަރަކު ޕީއެންސީން ވަކިވާނެ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް - ފޮޓޯ: މަޖިލިސް

މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެމްބަރަކު އެ ޕާޓީން ވަކިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުންކޮށްލަމުން ބައެއް މެންބަރުން ސަރުކާރުން ގެންގުޅޭ ނުރަނގަޅު ސިޔާސަތުކަށް ބަސް ނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެ ކަމަށާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނިކުންނާނެ ކަމަށް ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓުގައިވެ އެވެ.

"ރައީސް ޑރ. މުއިއްޒު ދެކިލައްވާ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކިގެން ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާތަން ބަލަން ނުތިބޭނެ ކަމަށާއި އަދި މަޝްވަރާ ކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖިލީހަށް ހުށައަޅުއްވާ ބިލަތަކަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ގިނަ މެންބަރުންތަކެއް ވަނީ ވިދާޅުވެފައި،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅިއެއް ނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔައިރު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މެންބަރު އިބްރާހިމް ހުސައިން (ޑްރީމްސް އިއްބެ) ކަމަށެވެ. އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީގެ އުދާސްތަށް ބޭރުކޮށްލަމުން މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށްވެސް އައްބާސް ހާމަކުރެއްވި އެވެ.

މީގެއިތުރުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވައި ފާސްކުރައްވާފައި ވަނީ މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓުގައިވެ އެވެ. އަދި ބުދަ ދުވަހު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުން ވަރަށް ހޫނުވެގެން ދިއުމުގެ ސަބަބުން އިއްޔެ ބޭއްވުމަށް ނިންމި ޕީޖީ ގްރޫޕްގެ ބައްދަލުވުން ނުބާއްވާ ކަމަށް ޕީއެންސީގެ މެމްބަރުންނާއި ހަވާލާދި އައްބާސް ވިދާޅުވެފައިވެ އެވެ.