ދުންފަތުގެ އިސްތިއުމާ ކުރިުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ސާވޭއެއް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ސާވޭގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އާބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުން ދެކޭ ގޮތް ބެލުން ކަމަށެވެ. އަދި މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި ތަންފީޛު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު އާންމުން ދެކޭ ގޮތާއި، ކުރިއަށް އޮތް ތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުމަކީ ވެސް ސާވޭގެ ބޭނުމެކެވެ.
މި ސާވޭގައި ބައިވެރިވާ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސާވޭ އިން އެެއްކުރެވޭ މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގަ އާއި އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމަށް ކަމަށެވެ.
ސާވޭގައި ބައިވެރިވާނީ މި ލިންކް forms.gle/ui5ThQfYZ4u7VBHt7 މެދުވެރިކޮށެވެ.
ދުންފަތުގެ އިސްތިއުމާލު އެއްކޮށް ހުއްޓައިލާ މީހުންނަށް ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖޫން މަހުގެ 24 ގަ އެވެ.
ދިވެހިން ދުންފަތާ ދުރުކޮށް ދުޅަހެޔޮ މުޖުތަމަަކަށް ހެދުމަށް ސަރުކާރުން މި ފަހުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ވޭޕް މަނާކޮށްފައިވާ އިރު، ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފައިވެ އެވެ.
މީގެ އިތުރުން ދުންފަތާ ދުރު ޒުވާން ޖީލަކަށް މަގުފަހި ކުރުމުގެ ގޮތުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތާ ގުޅޭ ތަކެތި ވިއްކުން މަނާ ވެސް ކޮށްފައިވެ އެވެ.