އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ 'ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިއީ މި މަހާސިންތާ ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ޒަކާތު ކޮންފަރެންސް ބޭއްވީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޒަކާތު ހައުސް އިން ބުނީ މި މަހުގެ 23 ގައި ފަށަން ހަމަޖެހިފައިވާ މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށް ވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
'ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ' އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާގައި ޢިލްމުވެރިންނާއި، އެ ދާއިރާގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖުތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރު ކުރެވޭނެ އިސްތިރާޖުތައް ދެނެގަންނަން ބާއްވާ އިލްމީ މަހާސިންތާކެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި މަހާސިންތާގައި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީ ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާތަކެއް ކުރާނެ އެވެ.
މަހާސިންތާގައި މި ފަހަރު އެންމެ ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އެގޮތުން ޒަކާތުގެ ތެރެއިން ޒާމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާ ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރާނެ އެވެ.
ރާއްޖޭގައި ޒަކާތު ހައުސް ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ. އެތަނުން އަންނަނ ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާކޮށް، ޒަކާތަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ވަރަށް ފުޅާކޮށް ކުރަމުންނެވެ.