މީގެ ހަ އަހަރު ކުރިން "ޕަތީ ޕަތުނީ އޯރް ވޯ" ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް އެ ނަމަށް އިތުރު ލަފުޒެއް އިތުރުކޮށްގެން އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ "ޕަތީ ޕަތުނީ އޯރް ވޯ" ވެސް ޕްރޮޑިއުސްކުރި ބުޝަން ކުމާރުގެ ޓީ ސީރީޒަށް ހަދަން ހަމަޖެހިފައިވާ "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ކަމަށެވެ.
މި ފިލްމުގައި ކުރީގެ އެއްވެސް ކާސްޓެއް ނުހިމެނެ އެވެ. އެގޮތުން "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ ބަތަލަކީ އަޔޫޝްމަން ކްރާނާ އެވެ. ފިލްމުގައި އޭނައާ އެކު ތިން ބަތަލާއިން ހިނެމެ އެވެ. އެއީ ސާރާ އަލީ ޚާނާއި ވަމީގާ ގައްބީގެ އިތުރުން ރަކުލް ޕްރީތު ސިންގް އެވެ.
ދެހާސް ނަވާރައިގައި ގެނެސްދިން "ޕަތީ ޕަތުނީ އޯރް ވޯ" ގެ ތަރިންނަކީ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ. އެ ފިލްމަކީ ހަމަ އެ ނަމުގައި 1978 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީގެ ރިމޭކެކެވެ. ބީއާރް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ސަންޖީވް ކުމާރާއި ރަންޖީތާގެ އިތުރުން ވިދިއާ ސިންހާ އެވެ.
މުދައްސަރު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އަށް ތައްޔާރުވަމުން އަންނަ އިރު، މީގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ރާވާފައި އޮތީ ޝޫޓިން ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް ނިންމައިލާ ގޮތަށެވެ.
މުދައްސަރުގެ އެންމެ ފަހުގެ ފިލްމަކީ ކާސްޓްގައި ރަކުލް ވެސް ހިމެނޭ، މި އަހަރުގެ ފެބްރުއަރީގައި އަރުޖުން ކަޕޫރާއި ބޫމީއާ އެކު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "މޭރޭ ހަޒްބަންޑް ކީ ބީވީ" އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގައި އަޔޫޝްމަން ތިން ބަތަލާއިންނާ އެކު މަސައްކަތް ކުރަން ހަމަޖެހިފައިނާ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ރަޝްމިކާ މަންދަނާއާ އެކު ކުޅެފައިވާ ހޮރޯ-ކޮމެޑީ "ތާމާ" އެވެ. އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހު އެވެ.