އަގީދާއިން ކައްސާލައިފިނަމަ ބައިބައިވުމާއި ފިތުނަ އުފެދޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، "ސަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު" މި އެވެ.
ހުތުބާގައި ބުނީ ދިވެހި އިސްލާމީ ކިއްލާއަށް އެއްހާސް އަހަރު ފުރެން ކައިރިވެފައިވާއިރު، ރާއްޖެ މުސްލިމް ޤައުމެއްގެ ގޮތުގައި މިހާ ހިސާބަށް އައިސްފައި މިއޮތީ ސުންނީ މުސްލިމު ޤައުމެއްްގެ ގޮތުގައި ކަމަށާއި އަދި ދިވެހީން އަބަދުވެސް މާތް ނަބިއްޔާ މުޙައްމަދުގެފާނަށްފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭނގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަޙާބީން ކަމަށެވެ.
އަސްޙާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުން ކަމަށާއި، އަދި އެ ބޭކަލުންނަކީ އިސްލާމްދީން އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި ބޭކަލުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވަނީ އަސްޙާބުބޭކަލުންނަށް ބަދުބަސް ބުނާ މީހުންނަކީ އެއްވެސް ޤަދަރެއް ނެތް ބަޔެއް ކަމަށް ބުނެފަ އެވެ.
މި މަތިވެރި އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބެންޖެހޭނެ ކަމަށާއި އަދި، އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
"މި މަތިވެރި އަގީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހެއެވެ. އަހަރެމެން ވަތަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަގީދާއަކީ މިއެވެ. މި އަގީދާއިން އަހަރެމެން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެެވެ،" ހުތުބާގައި ވެ އެވެ.